ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަޙައްދަށް ބުދަ ދުވަހު ކުރިމަތިވި ކުއްލި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހިތާމަވެރި ހާދިސާގައި މަދުވެގެން 165 މީހުން މަރުވެ، ސަތޭކައަށް ވުރެ ގިނަ މީހުން ގެއްލިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީގަނޑުފެނާއި ހިލަތައް އަދި ކުނިބުނިތައް ބޮޑު ސަރަޙައްދަކަށް ވެއްޓި، ނޭޕާލްގެ ރަސުވާ ޑިސްޓްރިކްޓަށާއި ޓިބެޓްގެ ގިޔިރޮންގް ކައުންޓީގެ ވާދީތަކާއި އާބާދީތަކުގެ ތެރެއަށް ބާރަށް ފެންގަނޑު ފައިބައިގަތުމުގެ ސަބަބުންނެވެ .
މި ހާދިސާގައި ނޭޕާލްގެ ސަރަޙައްދުން މިހާތަނަށް 162 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، ޗައިނާއިން ބުނެފައިވަނީ ޓިބެޓް ފަޅިން ތިން މީހަކު މަރުވެފައިވާ ކަމަށެވެ. އަދި މި ކާރިސާގެ ސަބަބުން ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ބޭރު ޤައުމުތަކުގެ ރައްޔިތުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި އިންޑިއާ، އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ފަދަ ޤައުމުތަކުގެ 400 އަށް ވުރެ ގިނަ ފަތުރުވެރިން ހިމެނެއެވެ. މީގެއިތުރުން ޗައިނާގެ ގިޔިރޮންގް ސަރަޙައްދުން 558 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި 260 ބޭރު މީހުން ހިމެނެއެވެ.
އެހީގެ ގޮތުގައި އިންޑިއާއިން ވަނީ 10 ޓަނުގެ އިންސާނީ އެހީއާއި ބޭސްފަރުވާގެ ސާމާނު ނޭޕާލަށް ފޮނުވާފައެވެ. އަދި އެމެރިކާއިން ވަނީ އެހީގެ މަސައްކަތްތަކަށް 500,000 އެމެރިކާ ޑޮލަރު ދިނުމަށް ވަޢުދުވެފައެވެ. ކަމާބެހޭ ފަރާތްތަކުން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ ތަޙުޤީޤު ކުރަމުންނެވެ. ސެޓެލައިޓް ފޮޓޯތަކާއި މާހިރުންގެ ދިރާސާތަކުން ދައްކާ ގޮތުގައި މި ފެންބޮޑުވުން ހިނގާފައިވަނީ ގްލޭޝިއަލް ކޮލެޕްސް ނުވަތަ ގަނޑުފެން ފަޅައިގެން ދިއުމުގެ ސަބަބުންނެވެ.
ހާދިސާ ހިނގި ސަރަޙައްދުތަކުގައި ސަލާމަތީ މަސައްކަތްތައް އަދިވެސް ކުރިއަށްދާއިރު، އިތުރު ސަރަޙައްދުތަކަށް ވާސިލުވެވޭ ވަރަކަށް މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު އޮފިޝަލުން ވަނީ ދެއްވާފައެވެ.



