ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 626 އަށް އަރާފައިވާ ކަމަށާއި، މަދުވެގެން 1،924 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. އަދި މި ހާދިސާއާ ގުޅިގެން ޓިބެޓުން ހަތް މީހަކު މަރުވެ، 558 މީހުން ގެއްލިފައިވާ ކަމަށް ޗައިނާއިންވެސް ވަނީ ރިޕޯޓުކޮށްފައެވެ.
މި ކާރިސާއާ ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންތައް ވަރުގަދަކުރުމަށްޓަކައި، ޓަނަލްތަކުން މީހުން ސަލާމަތްކުރާ ޚާއްސަ މާހިރުން ހިމެނޭ ގޮތަށް އިންޑިއާ އަދި ޗައިނާގެ ސްޕެޝަލިސްޓް ރެސްކިއު ޓީމުތަކުގެ އެހީތެރިކަމަށް ނޭޕާލުން ވަނީ އެދިފައެވެ. މި ޓީމުތައް ހޮނިހިރު ދުވަހު ނޭޕާލަށް އަންނާނެ ކަމަށް ލަފާކުރެވެއެވެ.
މީގެއިތުރުން އިންޑިއާ، އދ.، ރެޑް ކްރޮސް، އޮސްޓްރޭލިއާ، ދެކުނު ކޮރެއާ އަދި އެމެރިކާގެ ބައިނަލްއަޤްވާމީ އެހީތެރިކަން މިހާރުވެސް ދަނީ ލިބެމުންނެވެ.
މި ކާރިސާ ހިނގަން މެދުވެރިވީ ބުދަ ދުވަހު ހިމާލިޔާ ފަރުބަދަތަކުގެ ގްލޭޝިއާއެއް ކަނޑައިގެން ގޮސް، ބޮޑެތި ގަނޑުފެންތަކާއި ހިލަތައް ލެންޑޭ ކޯރަށް އެޅިގެން އުފެދުނު ބާރުގަދަ ފެންގަނޑު ނޭޕާލުގެ އެކި ސަރަޙައްދުތަކަށް ފެތުރި، ބޮޑެތި ގެއްލުންތަކެއް ވުމާ ގުޅިގެންނެވެ.
ގްލޭޝިއާ ކަނޑައިގެން ދިޔަ ސަރަޙައްދުގައި އަލަށް އުފެދުނު ފެންގަނޑެއްގެ ސަބަބުން އިތުރު ފެންބޮޑުވުމެއް ހިނގައިދާނެ ކަމުގެ ބިރު އޮތުމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް މެދުކަނޑާލި ނަމަވެސް، ނުރައްކާ ކޮންޓްރޯލް ކުރެވޭނެ މިންވަރެއްގައި ހުރި ކަމަށް ބެލުމަށްފަހު އޮޕަރޭޝަން ވަނީ އަލުން ފަށާފައެވެ. މަގުތައް ހަލާކުވެ ކިސަޑު ފޭބުމުގެ ސަބަބުން ގުޅުން ކެނޑިފައިވާ ސަރަޙައްދުތަކަށް ރެސްކިއު ޓީމުތަކަށް ދެވޭވަރަކުން، މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދެއެވެ.



