މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ނުކުރަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ނިންމައިފިއެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކީގައި ކޯލިޝަން ހެދުމަށް ރައީސް ސޯލިހް ވަނީ ވަރަށް ގިނަ ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައެވެ. އޭގެ ތެރޭގައި މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ، އެމްއާރުއެމް އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހިމެނެއެވެ. މި ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާ އެކު ކޯލިޝަން ހެދީ އަދާލަތާއި އެމްޑީއޭއެވެ.
ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމައިފައެވެ. އެމްއާރުއެމްގެ ނިންމުން މި އައީ ރައީސް ސޯލިހް ސިޓީ ފޮނުއްވިތާ ވަރަށް ގިނަ ދުވަސް ފަހުންނެވެ.
އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީން ހުށަހަޅާފައިވާ ބައެއް ސިޔާސަތުތަކަށް އެ ޕާޓީއަށް އެއްބަސް ނުވެވޭތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އާއެކު މަސައްކަތް ކުރަން ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.
އެމްއާރުއެމްގެ ބަޔާނުގައި ވަނީ ރައީސް ސޯލިހް، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެއްވި ދައުވަތާ ގުޅިގެން މަޝްވަރާ ކުރުމަށް އެމްޑީޕީގެ އިސް ރަށްވެހިންނާއެކު އެކި ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ. އަދި ނުރަސްމީކޮށް ލިޔެކިޔުމުގެ ޒަރިއްޔާ އިން ވެސް މަޝްވަރާ ކުރެވި އެމްއާރުއެމް އިން ތާއީދު ކުރާ ސިޔާސަތު ހާމަކުރި ކަމަށް ބުނެފައިވެއެވެ.
އެމްޑީޕީގެ އިސްވެރިންނާ އެކު މެއި 1 ގައި އެމްއާރުއެމް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު، އެމްޑީޕީން ހުށަހެޅި ކަންތައްތައް އެމްއާރުއެމްގެ އެސްކޯގައި މަޝްވަރާ ކުރި އިރު، ބައެއް ސިޔާސަތުތަކަށް އެއްބަސް ނުވެވޭ ކަމަށް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ. އެހެންވެ ޕާޓީގެ އެގްޒެކްޓިވް ކޮމިޓީން ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެކުގައި މަސައްކަތް ނުކުރަން ކަމަށެވެ.



