ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ބަންގްލަދޭޝްގެ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް (20އ)، އެމްޑީ މިޒަންނޫރު ރަހްމާން (41އ)، މިރްޒާ އަލް އަމީން (30އ) އަދި އެމްޑީ އަރްމާން އަލީ (21އ) އެވެ.
މި މީހުން އަތުލައިގަތީ ރާއްޖެ އެތެރެކުރި ދާގީނާއެއްގައި 6.75 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. އެއާއެކު، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކަސްޓަމްސް ގުޅިގެން ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގިއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމްޑީ މިޒަންނޫރު ރަހްމާން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ދެން ތިބި ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.



