ށ. ފުނަދޫގައި އަމިއްލަ ފަރާތަކުން ހިންގާ ޕެޓްރޯލް ޝެޑެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ތަހުގީގުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް އެ ރަށަށް ގޮސްފިއެވެ. ފުލުހުންގެ މި ޓީމު އެ ރަށަށް ގޮސްފައިވަނީ އިއްޔެ ހެނދުނު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ހާދިސާ ހިނގި ސަރަހައްދު (ސީން) ޕްރޮސެސްކޮށް ތަހުގީގަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށެވެ.
މި ހާދިސާގައި ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކައިރީގައި ހުރި އިމާރާތްތަކަށް ފެތުރި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކާއި، ވެހިކަލް ޕާކުކުރާ ތަނަކާއި، އިތުރު ދަނަކާއި މީހުން ދިރިއުޅޭ ގެއެއް ބޭނުންނުކުރެވޭ މިންވަރަށް އަނދައި އަޅިއަށް ވެފައިވެއެވެ.
އަދި ޓޭންކު ގޮވި ވަގުތު އޭގެ ބައިތައް 200 އެއްހާ ފޫޓު ދުރަށް ބުރައިގެން ދިޔުމުގެ ސަބަބުން ކައިރީގައި ތިބި ބައެއް މީހުން ފިހިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އެކިވަރުގެ އަނިޔާ ލިބި، ސިއްހީ ފަރުވާ ދީފައިވެއެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން ފަރުވާދިން ފަޔަރ ފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. ބާކީ ތިބި 16 މީހުންނަކީ ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދަން ދުވުމުގެ ތެރޭގައި އަނިޔާވި މީހުންނާއި، ހާދިސާގެ ސަބަބުން ބިރުން ހާސްވެގެން ފަރުވާ ހޯދި މީހުންނެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވި ގޮތުގައި، މި ހާދިސާގެ އަސަރު ފަސް ގެއަކަށް ކޮށްފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 33 މީހަކު ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ.



