އޮންލައިންކޮށް ރީ-ރެޖިސްޓްރޭޝަން އަށް ހުށައެޅޭނެ އެންމެ ފަހު ވަގުތަކީ މިރޭގެ 12:00އާއި ހަމައަށްކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ރިޔާސީ އިންތިޚާބުގައި، އަމިއްލަ އުފަން ރަށް ނޫން އެހެން ތަނަކަށް ވޯޓުލާ ފަރާތްތަކުން ރީ-ރެޖިސްޓަރވުމަށް ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ.
މިފަހަރު ރީޖެސްޓްރީވުމުގެ ފުރުޞަތު ދެ ގޮތަށް އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އެއީ އޮންލައިންކޮށާއި، ފޯމު ހުށައަޅައިގެންނެވެ. އޮންލައިންކޮށް ހުޅުވާލުމަށް ނިންމީ، އެމީހަކު ތިބި ތަނެއްގައި ތިބެގެން ފަސޭހައިން ރެޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. އަދި ވިހާވެސް ގިނަ ބަޔަކު އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ބޮޑުކުރުމަށެވެ.
އޮންލައިންކޮށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ، ރީ ރެޖިސްޓްރޭޝަން މުއްދަތު ހަމަވުމުގެ އެއް ހަފްތާ ކުރިއާއި ހަމައަށެވެ. މި ފުރުޞަތު މިރޭގެ 12:00އާއި ހަމައަށް ހަމަވާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އިލެކްޝަން ކޮމިޝަނުން ބުނީ މިގޮތަށް ހަމަޖެއްސީ، ފަހު ވަގުތު އޮންލައިންކޮށް ފޯމު ހުށައަޅަން ފުރުޞަތު ދީފިނަމަ މައްސަލައެއް ދިމާވެގެން ފޯމު ހުށަނޭޅިދާނެ ޙާލަތެއް ކުރިމަތިވެދާނެތީކަމަށެވެ.
އޮންލައިންކޮށް ރީރެޖިސްޓްރީ ކުރެވޭ ފުރުޞަތު މިރޭގެ 12:00އާއި ހަަމައަށް އޮތް ނަމަވެސް، ކަރުދާސް ފޯމުގައި ރީ ރެޖިސްޓްރޭޝަންއަށް ހުށައަޅާ ފަރާތްތަކަށް، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ފޯމު ހުށައެޅޭނެއެވެ.



