އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިނަށް އެންމެ ގިނަވެގެން ޚަރަދު ކުރެވޭނީ 564 މިލިއަން ރުފިޔާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުގެ ނައިބް ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރަންވާނީ އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިޚާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ކޮންމެ މީހަކަށް -/2000(ދެހާސް) ރުފިޔާގެ މަގުން ހިސާބު ކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާނެ އަދަދަކަށް ކަމަށެވެ.
އެގޮތުން، ރިޔާސީ އިންތިޚާބު 2023 އަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 282,395 ކަމަށްވާއިރު، ކޮންމެ ކެންޑިޑޭޓަކަށްވެސް ރިޔާސީ އިންތިޚާބާ ގުޅިގެން ޚަރަދުކުރެވޭނެ އެންމެ މަތީ އަދަދަކީ 564,790,000 (ފައްސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން ހަތްލައްކަ ނުވަދިހަ ހާސް) ރުފިޔާ ކަމަށް ހަބީބް ވަނީ ވިދާޅުވިއެވެ.
އަދި ރިޔާސީ އިންތިޚާބު 2023 ގައި، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި ޤާނޫނީ ޝަޚުޞަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 11,295,800 (އެގާރަ މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް އަށްސަތޭކަ) ރުފިޔާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
މިގޮތުން ލިބޭ އެންމެހައި ފައިސާ ލިބުނު ފަރާތާއި، ލިބުނު ގޮތާއި، ލިބުނު ޢަދަދުގެ ރެކޯޑުތައް އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓް ބަލަހައްޓަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި އެއްވެސް ފަރާތަކުން ދޭ ފައިސާއެއް ނުވަތަ އެއްޗެއް ދިން ފަރާތް ސިއްރު ކޮށްގެން ނުވަތަ އޮޅުވާލައިގެން ނުވާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.



