ރިޔާސީ އިންތިހާބުގެ ވޯޓަށް 5 ދުވަހަށްވެފައި ވަނިކޮށް ސަރުކާރުގެ ކަރަންޓް ކުންފުނި ސްޓެލްކޯއިން ގިނަ އަދަދެއްގެ ވަޒީފާ އިއުލާންކޮށްފިއެވެ.
އެގޮތުން ސްޓެލްކޯއިން ވަނީ 13 އަށްވުރެ ގިނަ ވަޒީފާ އަށް އިއުލާނުކޮށްފައެވެ. މީގެ ތެރޭގައި ސެކިއުރިޓީ އޮފިސަރުން، ސްޓޭޝަން ސްޕަވައިޒަރުން، އިންޖީނު އޮޕަރޭޓަރުން، އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓުން ހޯދަން ވަނީ އިއުލާނުކޮށްފައެވެ.
މިހުރިހާ ވަޒީފާތަކަށް ކުރިމަތިލުމަށްވެސް ދީފައިވަނީ ދެ ދުވަހުގެ މުއްދަތެއްކަން ފާހަގަކުރެވެއެވެ. މި ވަޒީފާތަކަކީ އެކި ރަށްތަކުގައި ހުރި ސްޓެލްކޯގެ ބުރާންޗްތަކަށް މީހުން ނެގުމަށް އިއުލާނުކޮށްފައިވާ ވަޒީފާތަކެކެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު ސްޓެލްކީގެ މެނޭޖިން ޑައިރެކްޓަރ ޝަރީފު އެތަނުގެ މުވައްޒަފުންނަށް އިންޒާރުދޭ ވީޑިއޯއްވެސް އާއްމުވެފައިވެއެވެ.
މިވީޑިއޯގައި ޝަރީފު ވަނީ ސްޓެލްކޯގެ މުވައްޒަފުން ވޯޓުލާ މީހުން ބަލާފައިވާ ކަމަށާއި އިބްރާހިމް މުހައްމަދު ސޯލިހް އަށް ވޯޓުދެއްވުމަށް އަންގައި މުވައްޒަފުންނަށް ބިރުދައްކައިފައެވެ.



