އެންޓީގުއާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި ކުރިއަށްދިޔަ ކޮމަންވެލްތު މިނިސްޓީރިއަލް މީޓިންގ އޮން ސްމޯލް ސްޓޭޓްސްގެ ކޯ-ޗެއަރކަން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގެ ކޯ-ޗެއަރކަން ވަޒީރު ޢިރުތިޝާމް ކުރެއްވީ އެންޓީގުއާ އެންޑް ބާބިއުޑާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޓްރޭޑް އެންޑް ބާބިއުޑާ އެފެއާޒް އީ.ޕީ. ޗެޓް ގްރީންއާ އެކުގައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ 28 ވަނަ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ (ޗޮގަމް) ހަވާސާގައެވެ.
މި އަހަރުގެ ބައްދަލުވުން ބާއްވާފައިވަނީ “ސްކޭލިންގ އަޕް ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯ ރެޒިލިއަންޓް ސްމޯލް ސްޓޭޓްސް” މި ޝިޢާރުގެ ދަށުންނެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން، ފެށުމާއި ނިންމުމުގެ ބަސްފުޅުވެސް ވަޒީރު ޢިރުތިޝާމް ވަނީ އިއްވަވާފައެވެ. އަދި އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓަން ބްރައުން ޚާއްޞަ ތަޤުރީރެއް ދެއްވި މި ބައްދަލުވުމުގައި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝަރލީ ބޮޗްވޭ ވެސް ވާހަކަދެއްކެވިއެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ އެންޓީގުއާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އަބާސް) ފަދަ ނިޒާމުތައް ވަރުގަދަކޮށް، ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ ދިގު މުއްދަތުގެ، އަގުހެޔޮ އަދި ޔަޤީންކަން އޮތް މާލީ އެހީތެރިކަން ހޯދުމަށް ގޮވާލައްވާފައެވެ. އަދި މޫސުމީ ވިލުންތެރިކަމާއި، ހަކަތައިގެ ބަދަލުތަކާއި، ވިޔަފާރިއާއި، ދަރަނީގެ ދެމެހެއްޓެނިވިކަމުގެ އިތުރުން ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އިންވެސްޓްކުރުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއެކު އޮންނަ ގުޅުން ބަދަހިކުރަންޖެހޭ ކަމަށާއި، މޫސުމީ ކަންކަމުގައި ވެފައިވާ ވަޢުދުތައް ފުއްދުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ‘މޯލްޑިވްސް ފަސްޓް’ ފޮރިން ޕޮލިސީގެ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން، ޤައުމުތަކުގެ ސިޔާދަތާއި އިސްކަންދޭ ކަންކަމަށް އިޙްތިރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުންތަކަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭނެކަން އެކަމަނާ ކަށަވަރުކޮށްދެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ނިންމުންތައް ނިންމާ މައިދާންތަކުގައި ކުދި ޤައުމުތަކުގެ ތަމްސީލުވުން އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި، 2028-2030 އަށް ޔޫއެން ހިއުމަން ރައިޓްސް ކައުންސިލަށާއި، 2033-2034 އަށް ޔޫއެން ސެކިއުރިޓީ ކައުންސިލަށް ރާއްޖެއިން ކުރިމަތިލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.



