ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، ސްކޫލު ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދޭން ނިންމާ ކުރި އިއުލާނަށް ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ.
ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް 10، 11، 12 ނިންމާފައިވާ ރީތިކޮށް ޤުރުއާންކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ޒުވާނުންނަށް، އިމާމުވެ ހުކުރުކޮށް ޚުޠުބާކިޔުމުގެ ހުއްދަ ދޭން ނިންމާ ކުރި އިއުލާނަށް މިހާތަނަށް 70 ފަރާތަކުން ވަނީ ފޯމު ހުށަހަޅައިފައެވެ. އަދި މި އިއުލާނާއި ގުޅޭގޮތުން ގިނަ ފަރާތްތަކުން ގުޅާ މައުލޫމާތު ސާފުކޮށް ފޯމު ހުށަހެޅުމުގެ ޝައުގުވެރިކަންވެސް ދަނީ ފާޅުކުރަމުންނެވެ.
މުޅި ރާއްޖެއަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ޝަޢުޤުވެރިވާ ދަރިވަރުންނަށް ބައިވެރިވޭނޭ ގޮތަށް އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ހުޅުވާލއިފައެވެ. މިއީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޚަޠީބުންނާއި، އިމާމުން ލިބުމުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމެއްމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެކި ވަޑައިގަނެއެވެ.