ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ތައްޔާރުވާން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި، ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުސެޓް މިހާރު ވަނީ ރާއްޖެގެނެވި ބެހެއްޓުމުގެ މަސައްކަތް ފެށިފައި ކަމަށެވެ.
އަދި ޕީކް ސީޒަންގެ ކުރިން މީގެ އިތުރު 2 ޖެނަރޭޓަރު ސެޓާއެކު ޖުމްލަ 6.4 މެގަވޮޓް ޕަވަރ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކުރެވި، ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި އެކު، މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ އިތުރުކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯ އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ކަމަށެވެ. އަދި ކުންފުނީގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އުއްމީދާއި، ރޫޙު އަބަދުވެސް ހުންނާނީ އެމަގަށް ކަމަށް ފަހުމީ ވިދާޅުވިއެވެ.



