ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ދިމާކޮށް މެޖޯރިޓީ ބޭނުންވާކަމާއި، މެޖޯރިޓީ ދޭންޖެހޭކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާމެދު މިއަދު ރައްޔިތުން ވިސްނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވިލުފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރުމުގެ ދަހިވެތިކަމުގައި، އެއްވެސް އިހުލާސްތެރިކަމެއް ނެތި، ތެދުވެރިކަމެއް ނެތި ދައްކާ ވާހަކަތަކަށް ދިވެހި ރައްޔިތުން ހެއްލޭކަށް ނުވާނެ ކަމަށެވެ.
އަދި މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ފްލެޓާއި ގޯތި ހަވާލު ކުރާނެ ކަމަށް އެމްޑީޕީން ބުނަމުންދާ ކަމަށާއި ނަމަވެސް މިހާރު ވެސް މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައި ކަމަށްވާއިރު އެ ޕާޓީގައި އިހުލާސްތެރިކަމެއް ހުރި ނަަމަ މިހާތަނަށް އައިއިރު އެކަން ނުކޮށް އޮތީ ކީއްވެގެންތޯ ރައްޔިތުން ވިސްނާލަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ޤައުމީ މަސްލަޙަތާއި ގުޅުންހުރި މަސައްކަތްތަކަށްފަހު ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް ކުރަންޖެހޭ ކަންކަންވެސް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ކެމްޕޭންގެ ތެރެއިން ވަޢުދުވެވަޑައިގަތް ފަދައިން މި 5 އަހަރުތެރޭ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ރޭވެސް ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.



