ދިވެހިރާއްޖޭގެ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ވިލިމާލޭގައި ގާއިމުކުރި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމް.އާރު.ސީ.ސީ) ގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހުޅުވި މި މަރުކަޒަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުގައި ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ހިންގާ ސަލާމަތީ އޮޕަރޭޝަންތައް ވިލަރެސްކުރުމުގެ މައި މަރުކަޒެވެ. މި އައު އިމާރާތުގައި ޒަމާނީ އޮޕަރޭޝަންސް ރޫމަކާއި، ތަމްރީނު ދޭ ކްލާސްރޫމްތަކުގެ އިތުރުން އޮޑިޓޯރިއަމެއް ހިމެނެއެވެ. މިއީ މުވައްޒަފުންގެ ތަމްރީނުތަކަށާއި ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫއަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަސައްކަތް ވިލަރެސްކޮށްފައިވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިންނެވެ. މީގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރުން ވަނީ މި މަރުކަޒަށް ބޭނުންވާ ބައެއް އާލާތްތައް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި އިމާރާތުގެ ބިންގާ އަޅާފައިވަނީ ޖޫން 2022 ގައެވެ. އެމް.އެން.ޑީ.އެފް އިން މައުލޫމާތު ދޭ ގޮތުގައި، ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކޯސްޓްގާޑު ވަރުގަދަކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން މި މަޝްރޫއަށް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.



