ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ދެއްވާ ޤައުމީ އިނާމު، 66 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ އަރުވައިފިއެވެ. މި އިނާމުތައް ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
މިރޭ އިނާމު ލިބިވަޑައިގެންނެވި ކޮންމެ ބޭފުޅަކީވެސް ދައުލަތުގެ އެކި މުއައްސަސާތަކުގައި 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ. އަދި މިއީ މީގެ ކުރިން މިފަދަ ޤައުމީ ޝަރަފެއް ލިބިވަޑައިގެންފައި ނުވާ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.
އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށް ހަނދާނީ ފިލައާއި ޝަރަފުގެ ބެޖު އަރުވާފައެވެ. މިއީ އެ ބޭފުޅުން ޤައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ހަދިޔާއެކެވެ.
މި ބޭފުޅުންނަށް އިނާމު ދެއްވުމަށް ނިންމެވީ، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، އިނާމަށް ޝަރުތުހަމަވާ ހުރިހާ ބޭފުޅުންގެ ޚިދުމަތް ވަޒަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެންނެވެ.
އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން ހޮވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ބޭފުޅުންގެ ޚިދުމަތުގެ ރެކޯޑުތައް ބަލައި ދިރާސާކުރުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހަޅައި، އެ ކޮމިޓީން އެ ބޭފުޅުންނަކީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ބޭފުޅުންކަން ކަށަވަރުކުރުމަށްފަހުގައެވެ.



