މިއަހަރުގެ ހައްޖު މޫސުމަށް މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ މީހުން ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށް ސައުދީގެ ޖެނެރަލް ޑައިރެކްޓްރޭޓް އޮފް ޕާސްޕޯޓްސް އިން ބުނެފިއެވެ.
އެ ޑައިރެކްޓްރޭޓުން ބުނީ ޖޫން މަހުގެ 10 ވާ ހޯމަ ދުވަހާ ހަމައަށް ވައިގެ މަގުންނާއި އެއްގަމާއި ކަނޑުގެ ބަނދަރުތަކުން ސައުދީއަށް އެތެރެވި ހައްޖުވެރިންގެ އަދަދު 1،547،295 އަށް އަރާފައިވާ ކަމަށެވެ.
އެ އެޖެންސީން ހިއްސާކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ވައިގެ މަގުން 1،483،312 މީހުން ހައްޖަށް ގޮސްފައިވެ އެވެ. އެއްގަމު ބަނދަރުތަކުން 59،273 ހައްޖުވެރިން އެތެރެވެފައިވާއިރު، ސައުދީގެ ކަނޑުގެ ބަނދަރުތަކުން ޖުމްލަ 4،710 ހައްޖުވެރިން ވަނީ ހައްޖަށް ގޮސްފަ އެވެ.
މިދިޔަ އަހަރުގެ އަހަރީ ހައްޖުގެ އަޅުކަމުގައި 150 އަށް ވުރެ ގިނަ ގައުމުން 1.8 މިލިއަނަށް ވުރެ ގިނަ މީހުން އަޅުކަންކޮށްފައިވެ އެވެ. އެހެންކަމުން މިއަހަރުގެ ހައްޖުގެ އަޅުކަމަށް ޖަމާވާ މީހުންގެ އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށެނީ ޖޫން މަހުގެ 14 ވާ ހުކުރު ދުވަހުއެވެ.
ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނީ މި ހައްޖު މޫސުމުގައި ހޫނުމިން މައްޗަށް ދިއުމަކީ އެންމެ ބޮޑު ގޮންޖެހުމެއް ކަމަށާއި، ރައްކާތެރި ދަތުރެއް ކަށަވަރު ކުރުމަށް ހައްޖު މިނިސްޓްރީން ކަނޑައަޅާފައިވާ އިރުޝާދުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކުރާ ކަމަށެވެ.



