ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން ފުލުހުންނާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ވެސް ފެނުނު ކަމަށާއި އަތުލައިގެން އެންމެން ޑީޕޯޓުކޮށްލާނެ ކަމަށް އިމިގްރޭޝަންސްގެ ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން އިއްޔެ ވަނީ ޚާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ތެރެއިން ލޯކަލް މާރުކޭޓާއި މާލޭ ތެރޭގައި ހިންގާ މާރުކޭޓުތައް އަދި މާލޭގެ އެކި ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް އުޅޭ 50 ބިދޭސީއަކު އަތުލައިގަތެވެ.
އެ ކަމާ ގުޅިގެން އިމިގްރޭޝަންސްގެ ކޮންޓްރޯލާ ޝައްމާން ވިދާޅުވީ، އިއްޔެ އަތުލައިގެން ބިދޭސީންގެ ތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރިކުރާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.
އަދި އުސޫލުގެ ތެރެއިން އެ މީހުން ރާއްޖެއިން ޑީޕޯޓުކޮށްލާނެ ކަމަށް ޝައްމާން ވިދާޅުވިއެވެ.
“ގަވާއިދާ ހިލާފަށް އުޅެ ބިދޭސީންގެ މައްސަލަ ހައްލުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކަށް ވީހިނދު، މި މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާކުރަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވަން،” ޝައްމާން ވިދާޅުވިއެވެ.
ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމަށް މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އޭގެ ދަށުން ހޮނިހިރު ދުވަހު ފެށި މި އޮޕަރޭޝަންގެ ބޭނުމަކީ، ސައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ، ޤަވައިދުން ބޭރުން ބިދޭސީން ރާއްޖޭގައި އުޅުން ހުއްޓުވުމެވެ.



