ތިމާވެށި ޙިމާޔަތްކުރުމަށާއި ކަނޑުގެ ދިރުންތައް އާލާކުރުމުގެ އިތުރުން، އެ ދާއިރާއިން މުޖުތަމަޢު ހޭލުންތެރިކުރުވުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީޑް އިނިޝިއޭޓިވް (ސީޑްސް) އާ ދެމެދު ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ތިމާވެށި ރައްކާތެރިކުރުމުގެ ޙަރަކާތްތަކުގެ އިތުރުން އިޖުތިމާޢީ އަދި ތަޢުލީމީ ގޮތުން މީހުން ހޭލުންތެރިކުރުވުމުގެ އެކި ޕްރޮގްރާމްތައް ދެ ފަރާތް ގުޅިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭ ޗެނަލް ޕާކު ސަރަޙައްދާއި ކުޑަގިރީގެ ‘ދޫނިޔާ ޑައިވް ރެކް’ ގައި ކުރިއަށްގެންދާ މުރަކަ އިންދައި އާލާކުރުމުގެ މަޝްރޫޢަށް ސީޑްސްގެ ފަރާތުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ވޮލަންޓިއަރުންގެ އެހީތެރިކަން ހޯދުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ތިމާވެއްޓަށް ޚާއްޞަ ތަފާތު ޙަރަކާތްތައް އެ ސަރަޙައްދުތަކުގައި ހިންގުން ހިމެނެއެވެ.
އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި އުޞޫލުތަކުގެ މަތިން ހުޅުމާލެ ތަރައްޤީކޮށް، އެ ސަރަޙައްދުގެ ފަޅާއި ކަނޑުގެ މާޙައުލު ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.



