ފާއިތުވި 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ސިފައިން ނުކުމެ ފެން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ. މި މުއްދަތުގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގއ. ގެމަނަފުއްޓަށެވެ. އެ ރަށަށް 101.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ ހާމަކޮށްފައެވެ.
މެޓް އޮފީހުގެ ރެކޯޑުތަކަށް ބަލާއިރު، ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ހުޅުލެއަށް 90.3 މިލިމީޓަރު އަދި މާލެއަށް 90 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މީގެ އިތުރުން ހުޅުމާލެއަށް 60 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އިއްޔެ އިރުއޮއްސުނު ވަގުތުން ފެށިގެން މާލެ ސަރަޙައްދަށް ވެހުނު ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ދަތުރުފަތުރަށް ވަނީ ބުރޫއަރާފައެވެ.
ވިއްސާރަ ކުރިއަށްދާނެ ކަމަށް ލަފާކުރެވޭތީ، ފެންބޮޑުވެގެން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގެއަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމަށާއި، އަގުބޮޑެތި މުދާތައް އުސް ތަންތަނަށް ބަދަލުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ހޯދުމަށް 911 އަށް ގުޅުމަށް ވެސް އެ އިދާރާއިން އެދެއެވެ.
މޫސުން ލަފާކުރާ ގޮތުގައި މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ވެސް އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ. ވައިގެ ބާރުމިން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައި ހުންނާނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ކަނޑުގެ ރާޅުތަކުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި އުފުލި، ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކާއި ވޯޓާ ސްޕޯޓްސް ހިންގާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



