އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ދިވެހިންގެ ލޯ ލާރިއެއްގައިވެސް ޖެހިވަޑައިގަންނާނެ ލީޑަރެެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަފޫ ވިދާޅުވީ، ސަރުކާރުގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއާ ހަމައަށް ވަޒީރުންގެ މަޖިލީހަށް ބެއްލެވިޔަސް، ކުންފުނިތަކުގެ އެމްޑީންނަށް ބެއްލެވިޔަސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބެއްލެވިޔަސް، ރޭ ދުވާ ހޭދަ ކުރަމުންދަނީ ގައުމު ވެއްޓިފައި އޮތް ފުން އަނދަވަޅުން ނަގާ ކޮޅަށް ޖެހުމުގެ މަތިވެރި ޒިންމާ އަދާ ކުރުމުގައި ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ރިޔާސީ އިންތިހާބު ޕީއެންސީއަށް ކާމިޔާބު ކުރެއްވުމަށް ކުރި މަސައްކަތަކީ ރާއްޖޭގެ މުސްތަގުބަލަށް އެޅި ހަރުދަނާ ފިޔަވަޅެވެ. އަދި މި ސަރުކާރާއި މި ގައުމު ހަވާލުވިއިރުގައި މި ގައުމު ވެއްޓިފައި އޮތް ހާލަތު އެނގިވަޑައިގަންނަވާނެ ކަމަށާއި، ރައްޔިތުން އެ ފުރުސަތު މި ސަރުކާރަށް ދެއްވީ އެހެންވެގެން ކަމަށް އަފޫ ވިދާޅުވިއެވެ.
ކޮވިޑް-19ގެ ހާލަތުން އަރައިގަނެގެން ދިޔަ ވަގުތު ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން މި ގައުމުގެ ހަރަދުތައް ކުޑަ ކުރައްވަން އަންގަވަމުން ދިޔަކަން ފާހަގަކުރައްވަމުން އަފޫ ވިދާޅުވީ، އެކަން ނުކުރައްވާ މިހާރުގެ އިދިކޮޅުން އެއިރު ބޮޑު އިންޓަރެސްޓްގައި ބޮޑު ލޯނުތައް ނަގައިގެން ހަމައެކަނި ސިޔާސީ ވެެރިންގެ ޖީބުތައް ފުރާލީ ކަަމަށެވެ. މިހާރު މި ހާލަތަށް ގޮސްފައި ވަނީ އެހެންވެގެންކަމަށް އަފޫ ވަނީ ވިދާޅުވެފައެވެ.



