ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލު ވުމަށް އެ ކުންފުނިން އެދެފި އެެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯގެ ނަމުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ބަޔަކު ގުޅަމުންދާ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ސްޓެލްކޯއިން ކަމަށް ބުނެ، ކަސްޓަމަރުންނަށް ގުޅައި، ދޮގު މައުލޫމާތުދީ، އޮޅުވައިލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފަހުމީ ވިދާޅުވީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދުމަށް ސްޓެލްކޯއިން ނުގުޅާނެ ކަމަށެވެ. ޝައްކު ކުރެވޭފަދަ ކޯލެއް ނަމަ ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާނުކޮށް ފޯނު ކަނޑާލުމަށާއި އެފަދަ ކޯލެއް އައިސްފިނަމަ ސްޓެލްކޯއަށް ގުޅައި ޔަގީން ކުރުމަށް ފަހުމީ ވަނީ އެދިވަޑައިގެންފަ އެވެ.
ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރާ ކަމަށް ފެންމަތިވިއިރު، މީގެ ކުރިން އެކި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ފާހަގަވި އެވެ.
އޮޅުވާލައިގެން އެކި ގޮތްގޮތުން ފައިސާ ހޯދުން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. އެކި ދުވަސްވަރު އެކި އުކުޅުތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާއިރު، އެފަދަ މައްސަލައެއް ސަމާލު ކަމަށް އައިސްފިނަމަ، އެ ކަމުން ރައްކާތެރިވެ ތިބުމަށް ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން ހަނދާންކޮށްދެއެެވެ.



