އައު ޓްރާންސްފޯމަރުތަކެއް ބެހެެއްޓުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ، މާދަމާ ހެނދުނު ހުޅުމާލެ އާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ވަނީ މާދަމާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑާ ގުޅުވާލައި، އެ ސަބްސްޓޭޝަން އެނަރޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.
ސްޓެލްކޯއިން ބުނާ ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހެނދުނު 6:00 އިން 7:00 އަށެވެ. އަދި ކަރަންޓު ދާނީ އެ މަސައްކަތް ކުރާ ވަގުތުގައި އެކަނިކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެއިތުރުން ސްޓެލްކޯއިން ވަނީ މާދަމާ އަލަށް އެނަރޖައިޒްކުރާ ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރ ހިމެނޭކަމަށް ބުނެފަައެވެ. މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ބޭނުންތަކަށް ޚާއްޞަކޮށް މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތަކެއްވެސް ބަހައްޓާފައިވާ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދީފައިވެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނާ ގޮތުގައި މި އައު ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މަޤްޞަދަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލުކުރުމެވެ. މި ޓްރާންސްފޯމަރުތަކުގެ ސަބަބުން ޚިދުމަތުގެ ޔަޤީންކަން އިތުރުވެ، ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ސްޓެލްކޯއިން އުންމީދު ކުރެއެވެ.



