ރާއްޖޭގައި ސީ ޓު އެއަރ ކާގޯ އިންޑަސްޓްރީ ތަޢާރަފުވުމާ ގުޅިގެން ޤައުމަށް ބޭރުފައިސާ ވަންނަ މިންވަރު އިތުރުވާނެ ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރޭ ހއ. އުލިގަމުގައި “އުތުރު އައިއެސްޕީއެސް ގޭޓް” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޖީހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް އެމްޕީއެލާއި ސަރުކާރުގެ އެހެނިހެން ކުންފުނިތަކާއި އިދާރާތައް ގުޅިގެން މިހާރު ވަނީ ދިވެހިރާއްޖޭގައި ސީ ޓު އެއަރ ކާގޯ އިންޑަސްޓްރީ އުފައްދާފައި ކަމަށެވެ.
“ކަނޑުމަގުން އަންނަ ކޮންޓެއިނަރ މުދާ ވައިގެ މަގުން، ފްލައިޓުން ޔޫރަޕަށް، ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް އެކްސްޕޯޓު ކުރުމަށް. މިކަމަކީ ވެސް ދުނިޔޭގެ ތަރައްގީވެފައި ތިބި ޤައުމުތަކުން އެތައް ޒަމާނެއްވަންދެން ކުރަމުންދާ ކަމެއް،” ވަޖީހު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޖީހު ވިދާޅުވީ، މި މަސައްކަތަކީ އިޤްތިޞާދީގޮތުން ޤައުމުތަކަށް ބޮޑެތި މަންފާތަކެއް ލިބޭ، ޚާއްޞަކޮށް ބޭރުފައިސާއިން (ޑޮލަރުން) ނަފާ ލިބެމުންދާ މަސައްކަތެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގައި މިހާތަނަށް މި މަސައްކަތް ނުކުރެވި އޮތީ ކުރުމުގެ ރޫހު ނެތުމުގެ ސަބަބުން ކަމަށާއި، ނަމަވެސް އައު ވެރިކަން ފެށުމާއެކު މި މަސައްކަތް ފެށި، މިހާރު ކުރިއަށްދާ ކަމަށް ވެސް ވަޖީހު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މެރިޓައިމް ދާއިރާއަށް އަލިއަޅުއްވާލައްވާ ވަޖީހް ވަނީ އެ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު މަންފާއެއް ގެނެސްދޭ ދާއިރާއަކަށް މި ފަސް އަހަރުގެ ތެރޭގައި ހަދާނެ ކަމަށް ވިދާޅުވެފައެވެ.
އަދި އެމްޕީއެލްގެ ޚިދުމަތްތައް މިހާތަނަށް ދެމުން އައީ ކޮންޓެއިނަރ ބޭލުމުގެ ޚިދުމަތެއްގެ ގޮތުގައި އެކަނިކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުން ލިބޭ އާމްދަނީއިން ޚަރަދުތައް ހަމަޖައްސަން ޖެހުމުން ޚިދުމަތުގެ އަގު ބޮޑުވެގެންދާކަން ވަޖީހް ފާހަގަކުރެއްވިއެވެ. އެހެންކަމުން މެރިޓައިމް ޚިދުމަތްތަކާއެކު ކުންފުނީގެ އަމާޒަކީ ޚިދުމަތްތަކުގެ އަގު ހެޔޮކޮށް، މުދަލުގެ އަގު ހެޔޮކޮށްދިނުންކަން ވެސް ފާހަގަކުރެއްވިއެވެ.
އުލިގަމުގައި ރޭ ހުޅުވި “އުތުރު އައިއެސްޕީއެސް ގޭޓް” އޮފީހުން، އެމްޕީއެލް އާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި އެމްއެންޑީއެފްގެ މުވައްޒަފުންނަށް ހާއްސަ ޖާގަތައް ވަނީ ކަނޑައަޅައިފަ އެވެ. އަދި މައްސަލައެއް ދިމާވެއްޖެ ނަމަ ޑިޓެންޝަން ރޫމެއްގެ އިތުރުން، އެ އޮފީހަށް ވަންނަ މީހުން ޗެކް ކުރުމަށް ސެކިއުރީ ސްކްރީން މެޝިން ވެސް ވަނީ ބަހައްޓައިފަ އެވެ.



