ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން 20 އެއްބަސްވުމެއްގައްޔާއި ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މިއަދު އިސްލާމްއާބާދުގައި ސޮއިކޮށްފިއެވެ. މީގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ޤާއިމުކުރުމުގެ މުހިންމު އެއްބަސްވުން ހިމެނެއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރާއި، ދިފާޢީ ދާއިރާ، ޞިއްޙަތު، މަތީ ތަޢުލީމާއި ދިރާސާ، މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، މީޑިއާ އަދި ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ދާއިރާތައް ވެސް މި އެއްބަސްވުންތަކުގައި ހިމެނެއެވެ. މިއީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ގުޅިގެން މަސައްކަތްކުރުމަށް އާ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ވަޒީރުން ހިމެނިވަޑައިގަންނަވާ ވަފުދަކާއެކު މި މަހުގެ 20 ވަނަ ދުވަހު ޕާކިސްތާނަށް ވަޑައިގަތުމުން ވަނީ ރަތްދޫލައިގެ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ރައީސަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވެފައިވާއިރު، ރައީސް އާސިފް އަލީ ޒަރްދާރީއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ ނިމޭ މި ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅަކީ، 11 އަހަރު ފަހުން، ރާއްޖޭގެ ރައީސަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ.



