ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޢާންމު ޚިދުމަތްތަކާއި މުއައްސަސާތައް ތަރައްޤީކުރުމުގައި ހޯއްދަވާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި، ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (އައިއައިޔޫއައި) އިން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އެރުވައިފިއެވެ.
މި ޝަރަފު އެމަނިކުފާނަށް އަރުވާފައިވަނީ ރާއްޖެއާއި ޕާކިސްތާނުގެ އިސް ވެރިންގެ މެދުގައި ބޭއްވުނު މަތީ ފަންތީގެ ރަސްމީ މަޝްވަރާތަކަށްފަހު، އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ބައިވެރިވެވަޑައިގެންނެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ބޮޑުވަޒީރު ޝަރީފް ރިޔާސަތު ބެލެހެއްޓެވި މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒަށް މި ޝަރަފު ރަސްމީކޮށް އަރުވާފައިވަނީ އައިއައިޔޫއައިގެ ރައީސް، ޕްރޮފެސަރ ޑރ. ސަޢަދު ޞާދިޤެވެ.
ޔުނިވަރސިޓީން ހާމަކުރި ގޮތުގައި، މި އޮނަރަރީ ޑިގްރީ އެމަނިކުފާނަށް އެރުވީ ރާއްޖޭގެ ޢާންމު ޚިދުމަތަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތަކާއި، އެމަނިކުފާނުގެ ޒަޢާމަތުގައި މުއައްސަސާތައް ހަރުދަނާކުރުމަށް ހޯއްދަވާފައިވާ ކުރިއެރުންތައް ބަލައިގަތުމުގެ ގޮތުންނެވެ.
މި އެވޯޑު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސް މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށް، ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.



