ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ބްލަޑް ބޭންކެއް މިއަދު ހުޅުވައިފިއެވެ.
މި ބްލަޑް ބޭންކް ރަސްމީކޮށް ހުޅުވައިދެއްވީ ގދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. މީގެ އިތުރުން، ހޮސްޕިޓަލުގައި އަލަށް ގާއިމުކުރެވުނު ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރު ވެސް މި ރަސްމިއްޔާތުގައި ހުޅުވައިދެވުނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނިސްޓަރު ހަލީލު ވަނީ ތިނަދޫ ސިޓީގެ ރައްޔިތުންގެ އެދުމަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުން ކަމަށާއި، އެ މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އަދި އަލަށް އަޅާ އިމާރާތުގައި އީއާރުގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ފެންވަރުގައި، ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޮށްދެވޭނެކަމަށާއި، ބައިނަލްއަގުވާމީ ފެންވަރުގެ ޓެކްނޮލޮޖީތަކާ އެކު އޮޕަރޭޝަން ތިއޭޓަރުތަކެއް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ހޮސްޕިޓަލަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެއެވެ. އަދި އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދެވުނު އެކި މުބާރާތްތަކުގެ ވަނަތަކަށް އައި ފަރާތްތަކަށް ވެސް އިނާމު ދީފައިވެއެވެ.



