އިސްލާމީ މަރުކަޒުގެ މުންނާރު އިތުރަށް ފުރިހަމަ ކުރުމަށް ތިރީގައި ހަދާފައިވާ މަސްފެންގަނޑު ހަލާކުވެ ގިނަ ދުވަސްވެފައިވާތީ، ސީއެސްއާރުގެ ދަށުން މަސްފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
މި މަސައްކަތް ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ކޮށްދެއްވުމަށް އެ ކުންފުނިން ޝައުޤުވެރިކަން ފާޅުކުރީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަޙުމީ، ވަޒީރު ޑރ. ޝަހީމްއާއި ބައްދަލުކުރެއްވުމަށްފަހުއެވެ. އެ މަޝްވަރާއަށް ފަހު ރަސްމީ އެކްސް އެކައުންޓުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ މުންނާރާއި، އިސްލާމީ މަރުކަޒުގެ ސަރަޙައްދު މިހާރަށްވުރެ ޒީނަތްތެރިކޮށް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުން އަންނަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެންނެވެ. އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.



