ޓައިވާނަށް ވަރަށް ނުރައްކާތެރި ސުޕަރ ޓައިފޫނެއް އަރަން ކައިރިވެފައިވާ ކަމަށް އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދީފިއެވެ. ކޮންގް-ރޭ ނަމަކަށް ކިޔާ މި ތޫފާނަކީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި އެ ޖަޒީރާއަށް އަރާ އެންމެ ބާރުގަދަ އެއް ތޫފާންކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި ތޫފާނަށް ތައްޔާރުވުމުގެ ގޮތުން ޓައިވާންގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތަކާއި ސްކޫލްތައް ބަންދުކޮށް، އަދި ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލްކޮށްފައެވެ. އަދި ނުރައްކާތެރި ސަރަޙައްދުތަކުން 1،300 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ތަންތަނަށް ވަނީ ބަދަލުކޮށްފައެވެ.
ޓައިވާންގެ ދިފާއީ މިނިސްޓްރީއިން ވަނީ ސަލާމަތްކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުމަށް 36،000 ސިފައިން ތައްޔާރުކޮށްފައެވެ. މި ތޫފާން މިއަދު މެންދުރުފަހު 2:00 އާއި ދޭތެރޭ ޓައިވާންގެ އިރުމަތީ ސަރަޙައްދަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
މޫސުމާބެހޭ އިދާރާއިން އަންދާޒާކުރާ ގޮތުގައި ޓައިވާންގެ އިރުމަތީ ސަރަޙައްދުގައި 1.2 މީޓަރަށްވުރެ ބޮޑަށް ވާރޭވެހި، އަދި ގޮނޑުދޮށުގެ ސަރަޙައްދުތަކުގައި ގަޑިއަކު 160 ކިލޯމީޓަރަށްވުރެ ބާރަށް ވައިޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށްވާތީ، ރައްޔިތުން ވީހާވެސް ބޮޑަށް ރައްކާތެރިވުމަށް އިރުޝާދު ދެވިފައިވެއެވެ.



