ކުވޭތުގައި ހުރި އެމެރިކާގެ އަސްކަރީ ތިން މަރުކަޒަކަށް “ކަމިކާޒޭ ޑްރޯން” ބޭނުންކޮށްގެން ހަމަލާދީފައިވާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އީރާނުގެ ސެމީ-އޮފިޝަލް ތަސްނީމް ނިއުސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ފައުޖުތަކުން ކޭމްޕް އަރިފްޖާންގެ އިދާރީ އިމާރާތްތަކާއި ޑައިރެކްޝަން-ފައިންޑިންގ އެންޓަނާތަކަށް ހަމަލާދީފައިވާ ކަމަށެވެ. މީގެ އިތުރުން ކޭމްޕް އަލް-އަދީރީގެ ހެލިކޮޕްޓަރު ޕާކިންގ ސަރަހައްދަށާއި، އަހުމަދު އަލް-ޖާބިރު ބޭސްގައި ހުންނަ ސިފައިން ދިރިއުޅޭ އިމާރާތްތަކަށް ވެސް ހަމަލާ އަމާޒުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މި ހަމަލާތަކަކީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ދިން ހަމަލާތަކެކެވެ.
“އެމެރިކާގެ ޓެރަރިސްޓް ފައުޖުތަކުގެ އަމަލުތަކުގެ ސަބަބުން ސަރަހައްދުގެ ސަލާމަތީ މަސްލަހަތު ވަނީ ގެއްލިފައި. އިސްލާމީ ޖުމްހޫރިއްޔާގެ ހަތިޔާރު އެޅި ފައުޖުތަކުން މަސައްކަތް ކުރަމުންދަނީ އެމެރިކާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ސަރަހައްދަށް އަމާންކަމާއި ސަލާމަތްތެރިކަން އަނބުރާ ހޯދައިދިނުމަށް،” ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
މި ބަޔާން ނެރެފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އަހުމަދު އަލް-ޖާބިރު ބޭސް އާއި އަލީ އަލް-ސާލިމް އެއަރބޭސްގައި ހުރި އެމެރިކާގެ ވަސީލަތްތަކަށް ހަމަލާދިން ކަމަށް އިއުލާން ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.



