އައު އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް ތަރައްޤީ ކުރަށްވާނީ ދަރިވަރުންގެ މަޢުލޫމާތުތައް ބެލެނިވެރިންނަށް ވަގުތުން ފެންނާނެ ގޮތަށް ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ރޭ ގެނެސްދިން “ރިޔާސީ ބަޔާން 2025 ފޯރަމް” ގައި ވާހަކަދައްކަވަމުން ވަޒީރު ޝަފީޢު ވިދާޅުވީ ޒަމާނީ ޓެކްނޮލެޖީއަށް އަހުލުވެރި ޓީޗަރުން ބިނާ ކުރުމަށް އެންއައިއީގެ ތެރެއިން ޚާއްސަ ޕްލެޓްފޯމެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ސިސްޓަމް ތަރައްޤީ ކުރަށްވާނީ ދަރިވަރުންގެ މަޢުލޫމާތުތައް ބެލެނިވެރިންނަށް ވަގުތުން ފެންނާނެ ގޮތަށް ކަމަށާއި، އެ ސިސްޓަމް ތަރައްޤީކުރަށްވަނީ 45 މިލިއަން ރުފިޔާ ޚަރަދު ކުރަށްވައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ފޯރަމްގައި ވަޒީރު ޝަފީއު ވަނީ ރާއްޖޭގެ ސުކޫލުތަކުގައި މިހާރު ކިޔަވައިދޭ ޓީޗަރުން މަދުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ވަޒީރު ވިދާޅުވީ މިހާރު ވެސް 230އަށް ވުރެ ގިނަ ޕްރައިމަރީ ޓީޗަރުން ރާއްޖޭގެ ސުކޫލުތަކަށް ބޭނުންވާ ކަމަށާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ‘ސެން’ ޓީޗަރުން ގިނަ އަދަދަކަށް ބޭނުންވާ ކަމަށެވެ.
ރައީސްގެ ޚާއްސަ ލަފައާ އެއްކޮށް، ޓީޗަރުންނަށް އޯގާތެރިވެގެން މި ދާއިރާއަށްއަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.



