ހުޅުމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި، ދުވާރުމައްޗާއި ގަސް އިންދާފައިވާ ހެޖުތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ގޮނޑިއާއި މޭޒު ފަދަ ތަކެތި ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއް މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އާންމު ހިނގާބިނގާވެ އުޅޭ ދުވާރުތަކާއި ހެޖުތެރޭގައި ގަވާއިދާ ހިލާފަށް ގޮނޑި މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމަކީ މަނާކަމެއްކަން މީގެކުރިން 2024 ވަނަ އަހަރު ވެސް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ އެންގުމާ އެއްގޮތަށް ބައެއް ވިޔަފާރިތަކުން އަދިވެސް އަމަލުކޮށްފައި ނުވާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، މިއަދުން ފެށިގެން އަންނަ 08 ނޮވެމްބަރު 2026 ގެ ނިޔަލަށް، ދުވާރުމައްޗާއި ހެޖުތެރޭގައި ހުރި ތަކެތި ނަގައި އެކަންކަން އިސްލާހުކުރުމަށް އެޗްޑީސީން ވަނީ އާންމުކޮށް އަންގާފައެވެ. މީގެއިތުރުން، ކާބޯތަކެތި ވިއްކުމުގެ ހުއްދަ ނުނަގައި ހުޅުމާލޭގައި ހިންގާ ކެފޭ އަދި ހޮޓާތަކުން ކަމާބެހޭ ހުއްދަތައް ހޯދުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޑީސީން ބުނީ ދީފައިވާ މުއްދަތު ހަމަވުމަށްފަހު، ގަވާއިދާ ހިލާފަށް ހިންގާ ތަންތަނާމެދު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި އެފަދަ ތަންތަން ނެގުމުގެ މަސައްކަތުގެ ތެރޭގައި ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.



