އަންހެނުން އަމިއްލަ ސިއްހަތަށް އިސްކަންދީ، ހަށިގަނޑަށް އަންނަ ބަދަލުތަކަށް ސަމާލުވެ އަވަހަށް ޑޮކްޓަރީ އެހީތެރިކަން ހޯދުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ބޭއްވި ސިމްޕޯޒިއަމް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ކެންސަރުގެ ފަރުވާގައި ހޭލުންތެރިކަމަކީ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެގޮތުން ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަނެ، ސިއްހީ މައްސަލަތަކަށް ފަރުވާކުޑަނުކުރުމަށް އެކަމަނާ ވަނީ އަންހެނުންނަށް އިލްތިމާސްކުރައްވާފައެވެ.
އުރަމަތީގެ ކެންސަރަކީ ގިނަ އަދަދެއްގެ އަންހެނުންނަށް ޖެހޭ އަދި އާއިލާތަކަށާއި މުޖުތަމައަށް އޭގެ އަސަރު ފޯރާ ބައްޔެއްކަން ފާހަގަކުރައްވައި، ބަލި އަވަހަށް ދެނެގަތުމަކީ ފަރުވާ އަވަހަށް ފަށައި ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އެހެންކަމުން އާދަޔާ ހިލާފު ބަދަލެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ގަވާއިދުން ސިއްހީ ޓެސްޓުތައް ހެދުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އުރަމަތީގެ ކެންސަރު ދެނެގަތުމަށް މެމޯގްރާމް، އަލްޓްރާސައުންޑް، ބަޔޮޕްސީ އަދި ޕެތޮލޮޖީގެ ހިދުމަތްތަކަކީ ކޮންމެހެން ބޭނުންތެރި ހިދުމަތްތަކެއް ކަމަށް ވިދާޅުވިއެވެ. އަދި ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އިތުރަށް ހިފުމަށާއި، އެ ޓެކްނޮލޮޖީ އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ސިއްހީ ހިދުމަތްތެރިން ތަމްރީނުކުރުމަށްވެސް ގޮވާލެއްވިއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅެން ޖެހުމަކީ އެކަށީގެންވާ ކެންސަރު ފަރުވާ ލިބުމަށް އޮތް ހުރަހަކަށް ވެގެންނުވާނެ ކަމަށް ފާހަގަކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މެޑަމް ސާޖިދާ ގޮވާލެއްވިއެވެ. އަދި ފަރުވާ ހޯދަމުންދާ އަންހެނުންނަށް ބޭނުންވާ މައުލޫމާތާއި ނަފްސާނީ އެހީތެރިކަން ދިނުމަށާއި، އާއިލާތަކުންނާއި މުޖުތަމައުން އެފަދަ ފަރާތްތަކަށް އެއްބާރުލުން ދިނުމަށްވެސް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.



