ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެ ލިމިޓެޑް (ސްޓެލްކޯ)ގެ މުވައްޒަފުންނަށް އެކި ދާއިރާތަކުން ތަމްރީނު ދިނުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ މި ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން ކުންފުނީގެ މުވައްޒަފުންނަށް ވަނީ ޤައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު ލިބިފައިވާކަމަށް ވިދާޅުވެފައެވެ.
މިގޮތުން، ބައެއް މުވައްޒަފުން ރެސްކިއު އޮޕަރޭޝަންތަކުގައި ބައިވެރިވެ، މޫދަށް ވެއްޓުނު މީހުން ސަލާމަތްކުރިއިރު، ކުންފުނީގެ މުދަލަށް ގެއްލުން ދޭން އުޅުނު ފަރާތްތަކާ ކުރިމަތިލާފައިވާކަން ފަހުމީ ފާހަގަކުރައްވާފައެވެ.
ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ ޙުސައިން ފަރުހާދު ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމްތަކުގެ މަޤްޞަދަކީ އިޚްލާޞްތެރި، ވަފާތެރި އަދި ހިތްވަރުގަދަ މުވައްޒަފުންތަކެއް އުފެއްދުން ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، ފަސްޓް އެއިޑް، އަލިފާން ނިއްވުން، ސެކިއުރިޓީ، އަދި ލައިފް ކޯޗިންގ ފަދަ ދާއިރާތަކުން މުވައްޒަފުންނަށް ތަމްރީނު ދެވޭނެއެވެ. މިހާތަނަށް 668 މުވައްޒަފުން ވަނީ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަކުރުމަށް ވަނީ ރޭވިފައެވެ.
މި އެއްބަސްވުމަކީ ސްޓެލްކޯގެ މުވައްޒަފުންގެ ހުނަރު އިތުރުކޮށް، ކުންފުނީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.



