މިއަހަރުގެ ރޯދަ މަހަށްފަހު ހަ ރަށެއްގެ މިސްކިތުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ފޭސްބުކްގައި އެ މިސްކިތްތަކުގެ ކުރެހުންތައް ވަނީ އާންމުކޮށްފައެވެ. ޒަމާނީ އެކި ޑިޒައިންތަކަށް އިސްލާމީ ވައްޓަފާޅި ދައްކައިދޭގޮތަށް ތައްޔާރުކޮށްފައިވާ އެ ކުރެހުންތައް ކުރެހީ ރިޔަން މޯލްޑިވްސްގެ ފަރާތުންކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ޝަހީމް ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހއ ބާރަށް އަދި ތ. ވޭމަންޑޫގައި މިސްކިތް އިމާރާތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރޯދަ މަހުގެ ފަހުން މަސައްކަތް ފަށައި އަންނަ އަހަރުގެ ނިޔަލަށް ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މިސްކިތްތައް ނިމިގެންދާއިރު، ސޯލާ އާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެ ކަމަށާއި އަދި މިސްކިތްތަށް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއެކު ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
“މި މަޝްރޫއުތަކަކީ ސަރުކާރުގެ ހަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫއުތަކެއް. މަޝްރޫއުތަކުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ އިންޝާ ﷲ،” މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ތެރޭގައި ހިމެނެނީ 300 މީހުންނާއި 500 މީހުންނާއި 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތްތަކެވެ.



