މި އަހަރުގެ ޕީކް ސީޒަނަށާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އދ. ދަނގެތީގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައި، އެ ޖަނަރޭޓަރު ކޮމިޝަން ކޮށް ބޭނުންކުރަން ފަށައިފިއެވެ.
މި ޖަނަރޭޓަރު އިތުރުކުރުމާއެކު ދަނގެތީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުވެގެން ގޮސްފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
މީގެއިތުރުން، ޕީކް ސީޒަނަށާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގްރޭޓަރ މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީގެ ބެކަޕްގެ ގޮތުގައި ގްރިޑަށް އިތުރުކުރާ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމުގެ މަސައްކަތްވެސް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވަނީ މަސައްކަތް ކުރިއަށްދާ ސައިޓަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި މިނިސްޓަރ އަމީން ވަނީ ސްޓެލްކޯއިން މަސައްކަތް ކުރިއަށްގެންދާ އަވަސް ސްޕީޑް ފާހަގަކުރައްވައި، ކުންފުނީގެ ވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.



