އަންނަ ރޯދަ މަހުގެ ކަރަންޓު ބިލު ތައްޔާރުކުރާނީ ވަކި ބިލެއްގެ ގޮތުގައި ކަމަށާއި، އެ ބިލުން މަދުވެގެން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭނެ ކަމަށް ސްޓެލްކޯއިން މިއަދު ހާމަކޮށްފިއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޯދަމަހު ކަރަންޓާއި ފެން ބިލުން ހާއްސަ ޑިސްކައުންޓެއް ދެއްވުމަށް ނިންމެވި ނިންމެވުމާ ގުޅިގެން އަންނަ ބަދަލެކެވެ.
ސްޓެލްކޯގެ ކަސްޓަމާ ސާވިސް އެންޑް ބިލިންގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަރީފް ވިދާޅުވި ގޮތުގައި، މި މަހުގެ 20 ވަނަ ދުވަހު ދޫކޮށްފައިވާ ބިލުގެ އިތުރުން، 20 އިން 27 އަށް ވަކި ބިލެއް ތައްޔާރުކުރާނެއެވެ.
“މި މަހު ދާނެ އެހެން ބިލެއް. ފަހަރެއްގައި ރައްޔިތުން ބުނެފާނެ ދެ ބިލް ދަނީއޭ. ފަހުން އަޅުގަނޑުމެން މިދޭ ބިލަށް ފައިސާ ދައްކަން އަޅުގަނޑުމެން އިތުރު މުއްދަތު ދޭނަން,” ސަރީފް ވިދާޅުވިއެވެ.
ރޯދަ މަހުގެ ބިލުން ޑިސްކައުންޓު ދޭނީ މީގެ ކުރީގެ ނުވަ މަހުގެ އެވްރެޖު ބިލާއި ރޯދަ މަހުގެ ބިލުގެ ފަރަގަށް ބަލައިގެންނެވެ. މި ގޮތަށް ހެދުމުން ބައެއް ކަސްޓަމަރުންގެ ބިލްތައް ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ.
ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގައި ހުރި 70,000 އަށްވުރެ ގިނަ ގޭބިސީތަކުގެ ރީޑިން ނެގުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ސަރީފް ހާމަކުރެއްވިއެވެ.
ފާއިތުވި ރޯދަމަހުވެސް ސަރުކާރުން ވަނީ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދީފައެވެ.



