ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓާއި ފެންބިލުން ޑިސްކައުންޓް ދެއްވުމަށް ނިންމެވުމާ ގުޅިގެން، ރަމަޟާން މަހުގެ ޑިސްކައުންޓް ހިމެނޭ ކަރަންޓު ބިލަށް ފުރަތަމަ ރީޑިންގ ނެގުމުގެ މަސައްކަތް މިއަދު ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ފައްޓަވައިދެއްވި މި މަސައްކަތުގައި، ގްރޭޓަރ މާލެ ސަރަޙައްދުގައި ރީޑިންގ ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު، ސްޓެލްކޯގެ އެކި މަޤާމުތައް އަދާކުރާ 350 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެ ވަޑައިގަންނަވައެވެ.
ސްޓެލްކޯއިން އިއްޔެ ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ރޯދަ މަހުގެ ކަރަންޓު ބިލު ތައްޔާރުކުރާނީ ވަކި ބިލެއްގެ ގޮތުގައެވެ. އަދި މި ބިލުން މަދުވެގެން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.
އެގޮތުން މި މަހުގެ 20 ވަނަ ދުވަހު ދޫކޮށްފައިވާ ބިލުގެ އިތުރުން، 20 އިން 27 އަށް ވަކި ބިލެއް ތައްޔާރުކުރާނެ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޯދަމަހު ކަރަންޓާއި ފެން ބިލުން ހާއްސަ ޑިސްކައުންޓެއް ދެއްވުމަށް ނިންމެވި ނިންމެވުމާ ގުޅިގެން އަންނަ ބަދަލެކެވެ.



