އެޗްއައިވީ ޕްރޮގްރާމްތަކަށް އެމެރިކާ ސަރުކާރުން ދެމުން އައި އެހީ ކުއްލިއަކަށް ހުއްޓާލުމަކީ ދެކުނު އެފްރިކާއަށް ލިބުނު ނާއުއްމީދެއްކަމަށް އެ ގައުމުގެ ސިއްހީ ވަޒީރު ޑރ. އެރަން މޮޓްސޮއަލެދީ ވިދާޅުވެއްޖެއެވެ.
އެރަން ވިދާޅުވި ގޮތުގައި މި ހުއްޓާލުމުގެ ސަބަބުން ބައެއް މީހުންގެ ފުރާނައަށް ނުރައްކާވެދާނެއެވެ. ނަމަވެސް ދައުލަތުގެ ކްލިނިކްތަކުން އެއްވެސް ބަލިމީހަކަށް ފުރާނަ ސަލާމަތްކުރާ ބޭސް ހުސްވިޔަ ނުދިނުމަށް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.
“ރަނގަޅު ގޮތެއްގައި ހަވާލުކުރުމުގެ ބަދަލުގައި އަޅުގަނޑުމެން ވައްޓާލަނީ ފަރުބަދައަކުން،” މިހެން ވިދާޅުވީ އެމެރިކާގެ ހާއްސަ އެހީ އެންމެ ބޮޑަށް ލިބޭ އެނޯވާ ހެލްތު އިންސްޓިޓިއުޓްގެ ކޭޓް ރީސްއެވެ. މި ހުއްޓާލުމުގެ ސަބަބުން 900،000 އެޗްއައިވީ ބަލިމީހުންނަށް އެހީތެރިވުމަށް އެހެން ގޮތްތަކެއް ހޯދުމަށް ގިނަ ޖަމިއްޔާތަކެއް ވަނީ މަސައްކަތް ފަށާފައެވެ.
2003 ވަނަ އަހަރު އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ފެއްޓެވި ޕެޕްފާ (ޔޫއެސް ޕްރެސިޑެންޓްސް އިމަޖެންސީ ޕްލޭން ފޯ އެއިޑްސް ރިލީފް) ޕްރޮގްރާމްގެ ދަށުން މިހާތަނަށް 25 މިލިއަނަށްވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތްކޮށްފައިވެއެވެ މި ޕްރޮގްރާމަކީ ދުނިޔޭގެ އެންމެ ފަގީރު މީހުންނަށް އެންޓި-ރެޓްރޯވައިރަލް ބޭސް ލިބޭނެ މަގު ފަހިކޮށްދިން އައު ވިސްނުމެއްގެ ޕްރޮގްރާމެއްގެ ގޮތުގައި ބެލެވެއެވެ.
އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ގެ ވެރިޔާ ޑރ. ޖީން ކަސެޔާ ވިދާޅުވީ “ދުނިޔެ މިކުޅެނީ އަލިފާނާ” ކަމަށެވެ. އަދި އެފްރިކާއިން ފެތުރިދާނެ ބަލިމަޑުކަމަކަށް ކުރިމަގުގައި ބަދުނާމު ނުކުރުމަށް ހުރިހާ ހިލޭ އެހީ ދޭ ގައުމުތަކަށް އިންޒާރު ދެއްވިއެވެ.



