ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ ރައީސް މުއިއްޒަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
ހުސްނުއްސުއޫދުގެ އިސްތިއުފާގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން، އެ މައްސަލަ ބެލުން ހުއްޓުވުމަށް ސަރުކާރުން އެތައް ނުފޫޒެއް ފޯރުވަމުން އަންނަކަމަށް ތުހުމަތުކުރައްވާފައި ވެއެވެ.
އިސްތިއުފާ ދެއްވިއިރު ސަސްޕެންޝަނުގައި ހުންނެވި ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ، ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވަނީ ވެސް މި މައްސަލަ ހުއްޓުވުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ބިލެއް ފާސްކޮށް، ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ގޮނޑި ގެއްލޭ މައްސަލަ ނިންމުމަށް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާކަން ސިޓީގައި ތުހުމަތު ކުރައްވާފައިވެއެވެ.
އިސްތިއުފާގެ ސިޓީގައި ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ، މި ކަންކަމާ އިހްތިޖާޖުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އެ ހިނދުން ފެށިގެން އިސްތިއުފާ ދެއްވާކަމަށެވެ.




ފަނޑިޔާރަކަށް ވުރެ ބޮޑަށް ތިޔައީ އެމްޑީޕީގެ އެކްޓި ވިސްޓެއް. ޝަރީއަތަށް ނުފޫޒު ފޯރުވަން ބެންޗަށް އިތުރު ކުރި މީހެއް. ހިނި އަންނަނީ މީނަ މިބުނަނީ ރައީސް މީހާ ނުފޫޒު ފޯރުވަނީއޭ.