ސްޓެލްކޯއިން ގާތްގާތުގައި ކަރަންޓު ބިލު ފޮނުވަމުންދަނީ ރޯދަމަހަށް ދޭ ޑިސްކައުންޓު ފުރިހަމައަށް ކަސްޓަމަރުންނަށް ދިނުމަށް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވި ގޮތުގައި މިހާރު ފޮނުވަމުންދާ ބިލުތަކަކީ ކުރިން ސްޓެލްކޯގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީޑިންގ ނެގުމަށްފަހު ބިލް ޑެލިވަރީގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ލަސްވުމުގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލުތަކެކެވެ. އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މި ބިލް ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ.
“ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ޚިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއް. ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،” ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި މި ބިލުތައް މިގޮތަށް ފޮނުވުމުގެ އެއް މަޤްޞަދަކީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެއްގެ ގޮތުގައި މުޅި ރޯދަމަހުގެ ބޭނުންކުރުމަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލުގައި ހިމެނުމެވެ. އަދި މިހާރު މި ގެންގުޅޭ އުސޫލުން ބިލު ފޮނުވައިފި ނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ބޭނުންކުރުމުގެ އެއްބަޔަށް ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ.
މީގެއިތުރުން، އެޕްރީލް މަހުން ފެށިގެން އެ މަހެއްގެ ފަހު ހަފްތާގައި ރީޑިންގ ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު ބިލު ޑެލިވަރީ ކުރެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ބިލުގައިވާ ރީޑިންގއާއި މީޓަރާ އަޅާކިޔުމުގެ ފުރުސަތު ލިބި، ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް އިތުރުވެގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.



