ރަމަޟާން މަހުގެ ފުރަތަމަ ހަތް ދުވަހު މާލެ އާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ މިންވަރު ދިރާސާކުރުމަށްފަހު، ވަކި ގަޑިތަކެއްގައި ކަރަންޓުގެ ބޭނުން އިތުރުވާކަން ފާހަގަކޮށް، އެ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ސްޓެލްކޯއިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހެނދުނު 9:00 އިން މެންދުރު 1:00 އާ ހަމައަށް، އޮފީސް ގަޑި އަދި ހޫނުގަދަވާ ވަގުތުތަކަށް ވުމާއެކު ކަރަންޓުގެ ބޭނުން އިތުރުވެއެވެ. އަދި މެންދުރު 1:00 އިން ހަވީރު 5:00 އާ ދެމެދުގައިވެސް، ހޫނުގަދަވުމާއި ރަމަޟާން މަހުގެ ކެއްކުމުގެ ކަންކަމަށް ބަދިގޭ ތަކެތި ބޭނުންކުރުން އިތުރުވުމާ ގުޅިގެން ކަރަންޓުގެ ބޭނުން މަތިވެއެވެ.
މީގެއިތުރުން ރޭގަނޑު 7:00 އިން ދަންވަރު 12:00 އާ ހަމައަށްވެސް މެންދުރުގެ ވަގުތުތަކާ އެއްވަރަކަށް ކަރަންޓު ބޭނުންކުރެވޭކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ދަންވަރު 12:00 އިން ހެނދުނު 6:00 އާ ހަމައަށް ކަރަންޓުގެ ބޭނުން ދަށްވެއެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓުގެ ބޭނުން އިތުރުވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދުކުރުމަށް އާންމުންގެ އެއްބާރުލުން ހޯދުމަށް އެދިފައެވެ. އަދި މިކަމަކީ ކަރަންޓުގެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް މުހިންމު ކަމެއްކަމުގައި ފާހަގަކޮށްފައިވެއެވެ.



