ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކް ބެހެއްޓުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ބަހައްޓާ ތެޔޮ ޓޭންކުތައް ބަހައްޓާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމްކުރާ ހުޅުމާލެ ޕަވަރހައުސް އެނެކްސް 2 ގައެވެ. މި ޓޭންކުތައް ބެހެއްޓުމުގެ މައިގަނޑު މަޤްޞަދަކީ ގްރޭޓަރ މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ ބެކަޕް ޕަވަރ ޖެނެރޭޝަން ޤާއިމްކުރުމެވެ.
ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
ސްޓެލްކޯއިން މި މަޝްރޫޢު ކުރިއަށް ގެންދަނީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މި ޓޭންކުތައް ބެހެއްޓުމުން ހުޅުމާލޭގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
ގްރޭޓަރ މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަމުންދާއިރު، މި މަޝްރޫޢަކީވެސް އެފަދަ މުހިންމު މަޝްރޫޢުއެކެވެ.



