މާލެ ސަރަހައްދުގައި މި އަހަރުގެ މިހާތަނަށް އެންމެ މަތީ މިންވަރެއްގައި ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސޯޝަމް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވިގޮތުގައި އެދުވަހުގެ 15:00 ގައި މާލެ ސަރަހައްދުގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވެއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވެފައި، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއަދު 13:00 ގައި މާލޭގެ ކަރަންޓު ބޭނުންކުރުން ވަނީ 111 މެގަވޮޓަށް އަރާފައިވާާކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
“އަޅުގަނޑުމެން އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް. ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަން،” ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވި ގޮތުގައި ކަރަންޓު އިޤްތިޞާދުކުރުމަށް ފަރުދީ ފެންވަރުގައި ކުރެވެންހުރި މަސައްކަތްތައް ކުރުމަކީ މުޖުތަމަޢުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެކެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި މިކަމަށް އާންމުން ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.



