ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އާއި ކުންފުނީގެ އިސްވެރިން، ކ. ގުޅީ އިންޖީނުގޭގެ ހާލަތު ބައްލަވާލައްވައި، އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.
މި ދަތުރަކީ ސްޓެލްކޯއިން އަތޮޅުތެރޭގައި ހުރި އިންޖީނުގެތަކުގެ ހާލަތު ގާތުން ބެއްލެވުމަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން ކުރެއްވި ދަތުރެކެވެ. މި ދަތުރުގެ މައިގަނޑު މަޤްސަދަކީ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ދެނެގަތުން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މި ދަތުރުގައި ސްޓެލްކޯގެ އިސްވެރިން ވަނީ ގުޅީ އިންޖީނުގޭގެ މުވައްޒަފުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައި، ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެކަންކަމަށް ގެނެވިދާނެ ހައްލުތަކާ ގުޅޭގޮތުން މުވައްޒަފުންގެ ޚިޔާލު ހޯއްދަވާފައެވެ.
ސްޓެލްކޯއިން މިފަދަ ދަތުރުތައް ކުރެއްވުމުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކަރަންޓުގެ ޚިދުމަތް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މަގުފަހިކުރުމެވެ.



