ޒުވާން ޚަޠީބުންގެ ޕްރޮގްރާމުގެ ތިންވަނަ ބުރަށް ކުރިމަތިލި 338 ފަރާތުގެ މެދުގައި ބޭއްވި އިންޓަވިއުގެ ތެރެއިން 269 ބައިވެރިންގެ ޝަރުތު ހަމަވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ މިސްކިތްތަކަށް ބޭނުންވާ އިމާމުންނާއި ޚަޠީބުން އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ސްކޫލް ނިމޭ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ގްރޭޑް 10، 11 އަދި 12 ފުރިހަމަކޮށްފައިވާ ދަރިވަރުންނަށެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަންޖެހޭ އެންމެ މުހިންމު ޝަރުތުތަކުގެ ތެރޭގައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ގުރުއާން ކިޔެވުމާއި، ނަމާދުގެ ފިގުހުގެ މައްސަލަތަކަށް އަހުލުވެރިވެފައިވުން ހިމެނެއެވެ.
ފާސްވި ބައިވެރިންނަށް ސަނަދު ދޫކުރުމުގެ ކުރިން ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މި ތަމްރީނުތައް ކުރިއަށްގެންދާނީ ރާއްޖޭގެ ނަންހުރި އިސްލާމީ ޢިލްމުވެރިންނެވެ.
މި ޕްރޮގްރާމުގެ ކުރީގެ ދެ ބުރުން މިހާތަނަށް 300 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ވަނީ އުފެދިފައެވެ. ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ 1,000 ޒުވާން ޚަޠީބުން އުފެއްދުމުގެ ލަނޑުދަނޑި ޙާޞިލުކުރުމަށް މި ޕްރޮގްރާމުން މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން އުންމީދުކުރެއެވެ.



