މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ ޔޫތު ކޭމްޕު މިއަހަރު ބޭއްވުމަށް ކުޑަގިރީގައި ބޭއްވުމަށް ނިންމައިފިއެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި މި ކޭމްޕު ކުރިޔަށްދާނީ މެއި މަހުގެ 31 ވަނަ ދުވަހު، ހެނދުނު 7 އިން ރޭގަނޑު 7 އަށެވެ. މި ކޭމްޕުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރެވޭނީ އެކަމަށް ޚާއްސަކޮށްފައިވާ ކިއުއާރު ކޯޑް މެދުވެރިކޮށް ނުވަތަ ފުރިހަމަ ނަމާއި ނަންބަރު އަދި އުމުރު 7925704 އަށް ފޮނުވައިގެންނެވެ.
މި ކޭމްޕުގައި ތަފާތު ގިނަ ކުޅިވަރު ހަރަކާތްތަކެއް ބީޗުގައި ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި ކޭމްޕުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ހާމަކުރައްވާފައި ވެއެވެ.
މިދިޔަ އަހަރު ޔޫތު މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ބޭއްވި ޔޫތު ކޭމްޕު ބާއްވާފައިވަނީ ފަރުކޮޅުފުށީގައެވެ. އެ ކޭމްޕުގައި 46 ޒުވާނުން ބައިވެރިވެފައިވެއެވެ.
ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި މިފަދަ ކޭމްޕުތައް ބޭއްވުމަކީ މިނިސްޓްރީން އަހަރުން އަހަރަށް ކުރަމުން އަންނަ ކަމެކެވެ.



