މިއަދަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަސްކަމަށާއި، މިއަހަރުގެ ޙައްޖު ދުވަހަކީ ޖޫން 5 ވާ ބުރާސްފަތި ދުވަސް ކަމުގައި އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މިއަދު، މޭ 28 ވާ ބުދަ ދުވަހަކީ ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަސް ކަމަށާއި، އެހެންކަމުން ޖޫން 5 ވާ ބުރާސްފަތި ދުވަހަކީ ޢަރަފާތު ދުވަސް ކަމަށެވެ. އަދި ޖޫން 6 ވާ ހުކުރު ދުވަހަކީ އަޟްޙާ އީދު ދުވަސް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރުގެ ޙައްޖު މޫސުމަށް ސައުދީ ސަރުކާރުން ވަނީ ފުޅާ ދާއިރާއެއްގައި ތައްޔާރުވެފައެވެ. މިގޮތުން ހޯމަ ދުވަހާ ހަމައަށް އެޤައުމަށް މިލިއަނަކަށްވުރެ ގިނަ ޙައްޖުވެރިން ވަނީ އެތެރެވެފައެވެ. ދިވެހިރާއްޖެއިން މިއަހަރު 1,000 ޙާޖީން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާއިރު، އެފަރާތްތަކަށް އެހެން އަހަރުތަކާ ޚިލާފަށް ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ވަނީ ހަމަޖެހިފައެވެ.
ސައުދީ އަރަބިއްޔާގެ މޫސުމާބެހޭ އިދާރާ، ނޭޝަނަލް ސެންޓަރ ފޯރ މިޓިރިއޮލެޖީ (އެން.ސީ.އެމް) އިން ހާމަކުރި ގޮތުގައި މިއަހަރުގެ ޙައްޖަކީ ކުރިއަށް އޮތް 16 އަހަރުގެ ތެރޭގައި ހޫނު މޫސުމުގައި ޙައްޖުގެ އަޅުކަން އަދާކުރާނެ އެންމެ ފަހު އަހަރެވެ. މިކަމަށް ތައްޔާރުވުމަށް ސައުދީ އަރަބިއްޔާގެ ޙައްޖާއި ޢުމްރާއާބެހޭ ވުޒާރާއިން ވަނީ ޙާއްޖީންނަށް އިލްތިމާސްކޮށްފައެވެ.



