ޒަމާނުއްސުރެ އީދު ކުޅިވަރުތަކުގެ މައިޒާނަކަށްވެފައިވާ ކ. ދިއްފުށީގައި މިއަހަރުވެސް އީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްދަނީ ވަރަށް ފޯރިގަދަ ގޮތެއްގައެވެ. ދިއްފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތްތައް ހިމެނެނީ ހަތަރު ދުވަހުގެ މައްޗަށެވެ.

އީދު ފާހަގަކުރުމުގެ ހަރަކާތްތައް ފެށިގެންދަނީ އީދު ވެދުމާއި ހަވާ އެރުވުމާއެކުގައެވެ. މީގެ އިތުރުން ފުރަތަމަ ދުވަހު ސަތޯރާ ބޮޑުބެރު އަދި ދިއްފުށީ ކަނބަލުންގެ ކުރުފަލި ފަދަ ސަގާފީ ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ދުވަހު އީދު ނަމާދާއި އީދު ސައި، އުލްހިޔާ ކަތިލުމާއި އީދު ޖާފަތުގެ އިތުރުން ސަގާފީ ހަރަކާތްތަކާއި ސްޓޭޖް ޝޯވއެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.





ތިންވަނަ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ފެންކުޅިއާއި ކުލަޖެހުމުގެ އިތުރުން މާލި ޕެރޭޑާއި ކަނބަލުންގެ ފަރިވަޅު ހިމެނެއެވެ. އަދި ބޮޑުމަސް އިވެންޓާއި ގޮމަ ގްރޫޕްގެ ސްޓޭޖް ޝޯވއެއްވެސް އެދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޢީދު ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ހަތަރުވަނަ ދުވަހު ކުޑަކުދިންގެ ހަވީރަކާއި މަސްރޭހެއްގެ އިތުރުން މަލިކު ނަޒުރާނާ އަދި ދިއްފުށީ ކަނބަލުންގެ ނެށުމަކުންނެވެ.





ދިއްފުށީގައި އީދު ފާހަގަކުރާ ގޮތުގެ ފޯރިގަދަކަމާއި، މަޝްހޫރުކަމާއެކު މިއަހަރުވެސް ގިނަ ބަޔަކު އެރަށަށް ޒިޔާރަތްކުރާނެކަމަށް ބެލެވެއެވެ. ލޯކަލް ޓޫރިޒަމަށް މަޝްހޫރު ދިއްފުށީގައި ތިބޭ ފަތުރުވެރިންވެސް މީގެ ކުރިން އަހަރުތަކުގައި އީދު ހަރަކާތްތަކުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.



