ދަރިން ރަނގަޅު މަގުން ތަރުބިއްޔަތު ކުރުމަކީ މުޖުތަމައުގެ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ދެކެން ޖެހޭނެ ކަމަށް މިއަދުގެ އީދު ޚުތުބާގައި އިލްތިމާސްކޮށްފިއެވެ.
ޚުތުބާގައި އިސްލާމްދީނުގެ މާތް ނަބިއްޔާ އިބްރާހިމްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލްގެފާނުގެ ވާހަކަ ހަނދާންކޮށްދެމުން، އެ ދެ ބޭކަލުން ކައުބަތުﷲ އާރާސްތުކުރެއްވި މަތިވެރި ހާދިސާއާއި، އިސްމާއިލްގެފާނު ގުރުބާންކުރެއްވުމަށް މާތްﷲ އަމުރުކުރެއްވުމުން އެކަމަށް އިބްރާހިމްގެފާނު އިޖާބަދެއްވި ގޮތް ބަޔާންކުރިއެވެ.
އަދި މި ހާދިސާއަކީ މާތްﷲ އަށް ކިޔަމަންތެރިވުމުގެ މިސާލެއްގެ ގޮތުގައި ފާހަގަކުރަމުން، މިއަދު އުޟްޙިޔާ ކަތިލުން ޝަރުއުކުރެވިފައިވަނީ މި ހާދިސާއާ ގުޅިގެން ކަމަށް ބަޔާންކޮށްފައިވެއެވެ. އިސްމާއިލްގެފާނުގެ ކިޔަމަންތެރިކަމަކީ މިއަދުގެ ޒުވާނުންނަށް ނަމޫނާއެއްގެ ގޮތުގައި ނަގަންވީ މިސާލެއް ކަމަށާއި، އެއީ އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ރަނގަޅު ތަރުބިއްޔަތުގެ ނަތީޖާއެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.
“މި އީދުގައި އުޟްޙިޔާ ކަތިލުން ޝަރްއުކުރެވިފައި ވަނީ މިހެންވެގެންނެވެ،” ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި އިސްލާމީ އުންމަތުގެ ނިކަމެތިކަމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާތްﷲ އާއި ރަސޫލާގެ އަމުރުފުޅުތަކާ ދުރުހެލިވުމާއި، ވެރިންނާއި މައިންބަފައިންގެ ބަސްނޭހުން ކަމަށެވެ. އަދި ސަހާބީންނަށް ލިބިވަޑައިގެންނެވި ކާމިޔާބީގެ ސިއްރަކީ އެ ބޭކަލުންގެ އިޚްލާސްތެރިކަމާއި ކިޔަމަންތެރިކަން ކަމުގައި ބަޔާންކޮށްފައިވެއެވެ.



