މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 21 އިންސައްތަ ދަށްވެއްޖެ އެވެ. މިކަން ހާމަކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 19 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 16.2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުތައް 3.4 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދުތައް ވަނީ 70.1 އިންސައްތައިން ދަށްވެފައެވެ.
ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ޚަރަދުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، އޮފީސްތައް ހިންގުމަށް ހޯދާ ތަކެތީގެ ޚަރަދު 70 އިންސައްތައިން ދަށްވެފައިވެއެވެ. އަދި މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ޚަރަދުތައް 20 އިންސައްތައިން ދަށްވެފައިވާއިރު، ދަތުރުފަތުރުގެ ޚަރަދުތައް ވަނީ 15.3 އިންސައްތައިން ދަށްވެފައެވެ.
ނަމަވެސް، ބައެއް ދާއިރާތަކުގެ ޚަރަދު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން އާސަންދައިގެ ޚަރަދުތައް 1.4 އިންސައްތައިން އިތުރުވެފައިވާއިރު، ދަރަނީގެ ޚިދުމަތުގެ ފައިސާގެ ގޮތުގައި ދައްކާފައިވާ މިންވަރު ވަނީ 169.5 އިންސައްތައިން އިތުރުވެފައެވެ. މީގެއިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާގެ އަދަދުވެސް ވަނީ 45.6 އިންސައްތައިން އިތުރުވެފައެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރެއިން މަގާއި، ބްރިޖް އަދި އެއަރޕޯޓް ފަދަ އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 1.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް، މިހާތަނަށް އެފަދަ މަޝްރޫއުތަކަށް ހޭދަކުރެވިފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ.



