މިއަހަރު ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 700 އަށް ވުރެ ގިނަ ފަރާތުން ނަން ނޯޓުކޮށްފިއެވެ. މިއީ މިދިޔަ އަހަރު މި މައުރަޒަށް ހުށަހެޅި 270 އެޕްލިކޭޝަނާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޒުވާން އުފެއްދުންތެރިއެއްގެ އަތްތެރި މަސައްކަތްތައް މިސާލެއްގެ ގޮތުގައި ދައްކަވައި، މި މައުރަޒަށް އޮތް ބޮޑު ތަރުޙީބު ފާހަގަކުރައްވާފައެވެ. މި މައުރަޒަކީ ދިވެހި ވިޔަފާރިވެރިންނަށާއި ހުނަރުވެރި ފަރުދުންނަށް އެމީހުންގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލައި، ވިޔަފާރި އިޝްތިހާރުކޮށް އަދި އައު މާކެޓުތަކަށް ވާސިލުވުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ.
މިއަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 23 އިން 31 އަށެވެ.
މިއަހަރުގެ މައުރަޒުގައި ގެނެވުނު މުހިންމު އެއް ބަދަލަކީ، އުމުރުން 13 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވުމެވެ. މި މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، އެކި ސަރަހައްދުތައް މެދުވެރިކޮށް ވިޔަފާރިތަކުގެ އުފެއްދުންތައް މާކެޓުކޮށް ވިއްކުމުގެ ފުރުސަތުތައްވެސް މި ހަރަކާތުގެ ތެރެއިން ލިބިގެންދާނެއެވެ. ދިވެހި ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރިތައް މާކެޓުކޮށް، މި އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާއިރު، މި މައުރަޒަކީ އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކުރާ ހަރަކާތެކެވެ.



